ސަރުކާރުން ބޭނުންވާ ބާރުމިނުގައި މަޝްރޫއުތައް ކުރިއަށް ނުދާކަން ގަބޫލުކުރައްވާ ކަމަށާއި، އެކަން އެހެން ދިމާވަނީ ކުރީ ސަރުކާރުން ފަށާފައިވާ އަދި ސޮއިކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށްގެންދާތީ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތޮލިބު އެ ވާހަކަ ދެއްކެވީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު، ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ޝާކިރު، މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހެޅުއްވީ މިދިޔަ 10 ސެޕްޓެމްބަރުގަ އެވެ.
މެންބަރު ސުވާލު ކުރެއްވީ ކޯޒްވޭގެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ދުވަހެއް ސާފުކުރެއްވުމަށެވެ. މިނިސްޓަރު ވިދާޅުވީ ކޯޒްވޭގެ މަސައްކަތް ޝެޑިއުލަކާ އެކު ކުރިއަށްދާ ކަމަށާއި 2028 ވަނަ އަހަރުގެ މެދަކާ ހަމައަށްދާއިރު މަސައްކަތް ނިންމާ ރައްޔިތުންނަށް އެތަން ބޭނުންކުރެވެން ފެށޭވަރުވާނެ ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ވަކި މަޝްރޫއުތަކަކަށް ވައުދުވެގެން ކަމަށާއި ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވީ ކުރީ ސަރުކާރުގައި ހަވާލުކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވިއެވެ.
ކުރީގައި ވެސް އަޅުގަނޑު މަޖިލީހުގައި ދަންނަވާފައިވާނެ އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު، ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި 40 ހަކަށް ބިލިއަން ރުފިޔާގެ މަޝްރޫއު ހުރި. މި ސަރުކާރު ވެރިކަމަށް އައީ މެނިފެސްޓޯއަކާ އެކު ރައްޔިތުންނަށް ވައުދުތަކެއް ވެގެން، މަޝްރޫއުތައް ހިންގުމަށްޓަކާ. ނަމަވެސް ސަރުކާރުގެ، ރައީސްގެ ޑެސިޝަނަކަށްވީ ކުރީ ސަރުކާރުގައި ސޮއިކޮށްފައި ހުރި މަޝްރޫއުތަކެއް ވިޔަސް ކުރިއަށް ގެންގޮސްފައި އަޅުގަނޑުމެންގެ އެޖެންޑާ ވެސް ކުރިއަށް ގެންދަން. މި ދައްކަނީ ވަރަށް ހައްސާސް ކަމެއްގެ ވާހަކަ. ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި ހުރިހާ މަޝްރޫއަކާއި މި ސަރުކާރުގެ އެޖެންޑާ ވެސް ކުރިއަށް ގެންދިއުން“ އޭނާ ވިދާޅުވިއެވެ.
މުއްތޮލިބު ވިދާޅުވީ ދެ ކަންތައް ކުރިއަށް ގެންދަން ޖެހެނީ ވިސްނުންތެރިކަމާ އެކު ކަމަށާއި، އެއާ އެކު މަޝްރޫއުތަކުގައި ލަސްކަން އަދި މައްސަލަތައް ވެސް އުޅެދާނެ ކަމަށެވެ.



