ހުޅުމާލޭގައި ގާއިމްކުރަން ނިންމާފައިވާ ކަންނެލި މަސްފެކްޓްރީ ކުރިއަށް އޮތް 18 މަސް ނުވަތަ ދޮޅު އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު ޝިޔާމް މިގޮތަށް ވިދާޅުވީ، އެ ފްކެޓްރީގެ އަޕްޑޭޓަކާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި ކަންނެލި ފެކްޓްރީ ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާޅުކޮށްފައިވާ ކަމަށެވެ. އެއީ 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެންވަރުގެ ފެކްޓްރީއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ، ފެކްޓްރީގެ ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށްޓަކައި ގާއިމް ކުރެވޭ ފެކްޓްރީގެ އެ ބައި ކުރިއަށް އޮތް 18 މަސްދުވަސް (ދޮޅު އަހަރު) ތެރޭ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް،“ އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އެ ފެކްޓްރީ ގާއިމް ކުރުމަކީ ކަންނެލި މަސްވެރިން އެންމެ ބޮޑަށް ސަރުކާރުގައި އެދޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމެވެ. އަދި އެއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ މިފްކޯއިން މިދިޔަ އަހަރުން ފެށިގެން ކަންނެލި މަސް ގަންނަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެ ކުންފުނިން ގަންނަމުންދަނީ 10 ކިލޯ އާއި 15 ކިލޯއިން މަތީގެ ކަންނެލި ކަމަށެވެ.




