ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރެވެމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިފައިވާކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި 2 ޤައުމުގެ ދެމެދުގައި މަޝްވަރާތައް ދަނީ ބާއްވަމުންނެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލެވިއްޖެކަމަށް ވިދާޅުވިއެވެ. މީގެތެރޭގައި 12 ދާއިރާއެއް ހިމެނޭކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.
”އޭގެތެރޭގައި 12 ދާއިރާއަކުން 102 ފަރާތަކަށް ދިވެހިރާއްޖޭގެ އަޅުގަނޑު މި ދަންނަވަނީ 65 ޕްރައިވެޓް ފަރާތަކާއި އަޅުގަނޑުމެން މިހާރުވެސް މަޝްވަރާކުރެވިގެން ޚިދުމަތާއި ގުޑްސްއާއި އަދި ޓެކްނިކަލް ބެރިއާސްތަކާއި އަދި އިކޮނޮމިކް ކޯޕަރޭޝަންގެ ދާއިރާއިންވެސް މަސައްކަތް ކުރަމުން މިދަނީ“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަން ނޫން އެހެން ދާއިރާތަކަށް މިސްރާބުޖަހަން ޖެހޭކަމަށެވެ. މި ސަރުކާރުން ކުރަމުން ދަނީ އެ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ދުނިޔޭގެ މާކެޓްތަކާއި އެކަހެރިވެފައި އޮތް އޮތުން ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ، ރާއްޖެ އިތުރު މާކެޓްތަކުގެ ތެރެއަށް ވަންނަންޖެހޭކަމަށެވެ. އޭގެތެރޭގައި އެކްސްޕޯޓްކުރެވޭނެ ގޮތްގޮތް ހޯދަންޖެހޭކަން ފާހަގަކުރެއްވިއެވެ.




