ހއ. ހޯރަފުށީގައި ހުންނަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭހައުސް) ގައި ތިބި ކުދިންތަކެއް، އެތަނުން ނުކުމެ އެ ރަށު މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ފަޅުގެއަކަށް އެއްލާލި މައްސަލައެއް ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ކުދިން ރޭގައި ހަމަލާ ދީފައިވަނީ ކުރިމައްޗަށް އޮންނަ އަތިރިމަތީގައި މަސްބާނަން ހުރި އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ.
ފުރަތަމަ އަނގަބަހުން ހަމަލާތަކެއް ދިނުމަށްފަހު އޭނާ ފަހަތުން ދުވެ، އެމީހާ ފަޅުގެއަކަށް ވަނުމުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ރޭ ހޯރަފުށީގައި ބަޔަކު ވަނީ އެ ޔުނިޓު ކައިރިއަށްގޮސް، އެ ކުދިން ނެރުމަށާއި އިންސާފު ގާއިމު ކުރުމަށް ގޮވާލައި އެއްވެފައެވެ.
މިކަމާ ބެހޭގޮތުން ފުލުހުން ބުނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން 2026 ޖުލައި 14 ވަނަ ދުވަހުގެ ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ބުންޏެވެ.
މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.



