މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެރުވޭ ބޭފުޅުންނަކީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކުރައްވައި، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުންނެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެއްޓެވި ފަހުން ވަކި މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަންތައް ކޮންމެ އަހަރަކުވެސް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސް ފޮނުއްވަމުން ގެންދަވައެވެ.
އެގޮތުން މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަންތައް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސް ފޮނުއްވުމާ ގުޅިގެން އެ ބޭފުޅުންނަށް މި އިނާމު ވަނީ އަރުވައިފައެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވައިލައްވައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، 130 ފޯމު ހުށަހަޅައިފައި ވެއެވެ. މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވައި އިންޓަރވިޔު ކުރެއްވުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދެއްވާނީ، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.




