ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 1755 ފަރާތަކަށް އެކި ސަބަބުތަކާހުރެ އަދި ލިޔުން ހަވާލުނުކުރެވި އޮތް ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 3548 ގޯތީގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ އާއި އެއްބަސްވުން ހަވާލުކުރެވިފައިވަނީ 3043 ގޯއްޗެއްގެއެވެ.
އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ލިޔުން ހަވާލުނުކުރެވި ހުރި ގޯތިތަކަކީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުތަކުގައި ހުރި ގޯތިތަކެވެ. މީގެ އިތުރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ބައެއް ބިންތަކުގެ ލިޔުންތައް ހަވާލުކުރުން ވަނީ މަޑުޖެހިފައެވެ.
ގޯތި ހަވާލުކުރިކަމުގެ ލިޔުންތައް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން، މިހާރު ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އޮންލައިންކޮށް އެ ލިޔުންތައް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިއީ ގޯތި ލިބުނު ފަރާތްތަކަށް ލިޔުންތައް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.
ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގައި ހަމައެކަނި ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން، ފުރިހަމަ އަވަށަކަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ހިދުމަތްތަކަށް ބިން ކަނޑައެޅުމުގެ އިތުރުން، އިންޑަސްޓްރިއަލް މަސައްކަތްތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތަކަށް ވެސް ބޮޑެތި ސަރަހައްދުތަކެއް ވަނީ ހާއްސަކޮށްފައެވެ.



