ބާޒާރުގައި ތަކެތީގެ އަގުތައް ފެންނަން ހުންނާނެ ”އަގުމަގު“ އެޕް އިކޮނޮމިކް މިނިސްޓްރީން ތައާރަފްކޮށްފިއެވެ.
މިއީ ތަކެތީގެ އަގުތައް ފަސޭހައިން އާންމުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުމަށް ލޯންޗްކުރި އެޕްލިކޭޝަންއެކެވެ.
ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބެލޭނެ ”އަގުމަގު“ ޕޯޓަލް ލޯންޗްކޮށްފައިވަނީ 28 ފެބްރުއަރީ 2025 ގައެވެ. ނަމަވެސް މި ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ.
ނަމަވެސް މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ އަތޮޅުތަކުގައިވެސް އަގުމަގު އެޕް ތައާރަފްކޮށްފައެވެ. މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ. އެގޮތުން ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެއެވެ. އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް ބަލައިގަނެވޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ތަނަކަށް ދިއުމުގެ ކުރިން ނުވަތަ ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ބަލާލެވޭނެ ކަމަށެވެ. އަދި އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުން މި އެޕްލިކޭޝަން މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭނެ ކަމަށް ވެސް ބުންޏެވެ.



