ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު ސޮއިކޮށް ނެރުއްވި ސަރކިއުލާގައި ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވަނީ، މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
މި ނިންމުމަކީ، ފިނޭންސް މިނިސްޓްރީން ޕީސީބީއަށް ދީފައިވާ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އަޅާ ފިޔަވަޅެކެވެ.
މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގައި ތަޢުލީމާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް ފިނޭންސުން މީގެކުރިން އަންގާފައިވެއެވެ.
މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ، ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ދަށުން އެޗްޑީސީއާއި، ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕީސީބީން ބުނި ގޮތުގައި މި ބަދަލުގެ ބޭނުމަކީ، ކުންފުނިތަކުގެ ސައިޒާއި އެ ކުންފުންޏެއްގެ މަސައްކަތް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމެވެ.
ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ގާތުން މޮނިޓަރ ކުރަމުންދާނެ ކަމަށްވެސް މި ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ވަނީ އަންގާފައެވެ. އަދި ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިވަގުތު މި ފިޔަވަޅުތައް އެޅުން ކޮންމެހެން މުހިންމު ކަމަށްވެސް ޕީސީބީން ބުނެފައިވެއެވެ.




