ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިހާރު ހުޅުވަން ތައްޔާރުވެފައިވާ ސަރަހައްދުގައި ޕާކު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދިޔަ ’ދަ ޕްލަސް‘ ޕޮޑްކާސްޓުގައި މާލޭގެ މަގުތައް ތަރައްގީކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ މިހާރު ބޮޑުތަކުރުފާނު މަގުގައި ތަރައްގީކުރާ ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށާއި އެއާއެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މިހާރު ނިންމާ ސަރަހައްދުގައި މީގެ ކުރިން ޕާކުކުރި ނަމަވެސް މަގު ހުޅުވުމާއެކު އެ ސަރަހައްދުގައި ޕާކުނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޕާކުކުރާނީ އެ ސަރަހައްދު ހިއްކައިގެން ހަދާފައިވާ ޕާކިން ޒޯނުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމާ ބައިގައި ކުރީގައި ޕާކުކުރި ކުރުން މި ބަދަލުކުރަނީ ބޭރުން ހިއްކި ބަޔަށް. އަޅުގަނޑުމެން ވަކިން ބައެއް މި ހިއްކީ، ފުދޭވަރަކަށް ބޮޑު ސަރަހައްދެއް މި ހިއްކީ. އެ ތަނުގައި ގާތްގަނޑަކަށް 500 އެއްހައި ސައިކަލު ޕާކުކުރެވޭނެ. އޭރުން ނަސަންދުރައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ކުރީގަ އަރިމަތީގައި ޕާކުކުރި ކުރުން ދެން ނުކުރެވޭނެ“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ މި ބަދަލާއެކު އެ ސަރަހައްދުގައި ދުއްވަން ވަރަށް ފަސޭހަވާނެ ކަމަށް ވިދާޅުވެފައެވެ. ޕާކިން ޒޯނަށް ޕާކަށް ޖަހާލުމަށްފަހު މަގު ހުސްކޮށްލުމުން އެ ސަރަހައްދު ވަރަށް ހިތްފަސޭހަވާނެ ކަމަށާއި ޕްލޭނަކީ ރީތި ގަސްތައް ޖަހައި މަގުގެ ދެ ފަރާތް ވެސް ރީތިކޮށް ހިތްފަސޭހަކޮށް އޮތުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



