މިދިޔަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހުޅުމާލޭގެ ގެސްޓްހައުސެއްގެ ތެރެއިން ނިޔާވެފައި އޮއްވާ ފެނިފައިވާ، މ. ސްޓާ / މުޙައްމަދު ރަޒީނު (50އ.) ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އާއިލާއިން ބުނެފިއެވެ.
ރަޒީންއަކީ ކުރިން އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ފަރާތަކަށްވާތީ، އޭނާ ނިޔާވި ޚަބަރާއެކު އޮންލައިން މީޑިއާއަކުންނާއި ސޯޝަލް މީޑިއާގެ ބައެއް ޕޭޖުތަކުން ވަނީ އޭނާ ނިޔާވި ޚަބަރު އޭނާގެ މަގްޝޮޓް ފޮޓޯއަކާއެކު ހިއްސާ ކޮށްފައެވެ.
އެ ފޮޓޯއާ ގުޅިގެން އެތައް ބަޔަކު ވަނީ އެ މީޑިއާއަށާއި ޕޭޖުތަކަށް ވަރަށް ބޮޑަށް ނުުރުހުން ފާޅުކޮށްފައެވެ. އަދި ނިޔާވެފައިވާ މީހަކާ ގުޅޭގޮތުން އެފަދަ ފޮޓޯއެއް ބޭނުންކުރުން ރަނގަޅު ނޫން ކަމުގައިވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ރަޒީންގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަޒީން ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި އޭނާ އެ ގެސްޓްހައުސަށް ދިޔައީ ނުބައިކަމެއް ކުރަން ނޫން ކަމަށެވެ.
އޭނާ އެ ގެސްޓްހައުސްއަށް ދިޔައީ ހިތްހަމަ ޖައްސާލަން އެކަނި ކަމަށާއި ނިޔާވެފައި އޮއްވާ ފެނުނީ ކަރޯކޭއެއް ހަދަން ބުކިން ހެދުމަށްފަހު ނުދިޔުމުން އެމީހުން ޗެކްކުރުމުން ކަމަށް ވެސް ބުނެފައިވެއެވެ.
ރަޒީން އަކީ ކުރިން މަސްތުވާތަކެތީގެ ޝިކާރައަކަށްވީ މީހަކަށްވީ ކަމުގައިވިޔަސް، ފަހުން ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް ދިޔުމަށްފަހު ރަނގަޅަށް ފަރުވާ ލިބިގެން އައި ކަމަށް ވެސް ޕޯސްޓުގައިވެއެވެ. އަދި އެއަށްފަހު އެއްވެސް އެފަދަ އެއްޗެއް ބޭނުން ނުކުރާތާ ހަތް މަސް ވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.
އާއިލާއިން އެދިފައިވަނީ ރަޒީންގެ މައްޗަށް އެންމެންވެސް ހިތްހެޔޮ ކޮށްދިނުމަށާއި ފުރާނައަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުޢާ ކޮށްދިނުމަށެވެ.




