ސްކޭމް ނުވަތަ މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކުގައި މިދިޔަ ހަފުތާގެ ތެރޭގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް ސްކޭމްގެ ގިނަ މައްސަލަތަކެއް ވަނީ ރިޕޯޓްކޮށްފައެވެ. އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގަ ސްކޭމްގެ 36 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.
މި މައްސަލަތަކުގައި 365،626.56 ރުފިޔާ ގެއްލުނެވެ. މި މަހު ކުރީކޮޅު 46 މައްސަލައެއްގައި 325،485 ރުފިޔާ ގެއްލިފައިވެއެވެ. އެހެންކަމުން މިއީ 12 އިންސައްތައިގެ އިތުރުވުމެކެވެ.
ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި 117،439.50 ރުފިޔާ އަނބުރައި ހޯދާފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ. މިދިޔަ ހަފްތާގައި ގެއްލުނު ފައިސާގެ ތެރެއިން ހޯދިފައިވަނީ 195،934.39 ރުފިޔާއެވެ. މީއީ މަހު ކުރީކޮޅު ގެއްލުނު ފައިސާގެ ތެރެއިން ހޯދިފައިވާ ޖުމްލަ އަދަދަށްވުރެ 78،494 ރުފިޔާ 50 ލާރި މަދު އަދަދެކެވެ.
މިދިޔަ ހަފްތާގައިވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް) ގެ މައްސަލަތަކެވެ. އެބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
° ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް:
– އީ-ކޮމާސް: 24 މައްސަލަ
– ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 2 މައްސަލަ
– ފައިސާ މާރުކުރުމުގެ މައްސަލަތައް: 3 މައްސަލަ
– އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 2 މައްސަލަ
– އެހެނިހެން: 5 މައްސަލަ
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިން ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ.
އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސް ސްކޭމްތަކަކީ މިހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައްކަމަށްވުމުން އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުން ނުވަަތަ މުދާ ލިބުމުންނޫނީ ފައިސާ ނުފޮނުވުމަށް ވެސް ފުލުހުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.



