ތޭރަ ރަށެއްގައި 2،100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 100 ޕަސެންޓް ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައި ވަނީ 2،100 އެފޯޑަބަލް ހައުސިން ޔުނިޓެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެއީ އަގުހެޔޮ ބޯހިޔާވަހިކަން އިތުރުކުރުމާއި އާބަން ޑިވެލޮޕްމަންޓް ކުރިއެރުވުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.
ހައުސިންގް ޔުނިޓު އަޅަން ބޭނުންވާ ރަށްތަކާއި އަދަދުތައް:
ހއ. ހޯރަފުށި – 100 ހައުސިން ޔުނިޓް
ރ. އުނގޫފާރު – 100 ހައުސިން ޔުނިޓް
ބ. ތުޅާދޫ – 50 ހައުސިން ޔުނިޓް
ޅ. ނައިފަރު – 300 ހައުސިން ޔުނިޓް
މ. މުލި – 100 ހައުސިން ޔުނިޓް
ދ. މީދޫ – 100 ހައުސިން ޔުނިޓް
ލ. ގަން – 200 ހައުސިން ޔުނިޓް
ގދ. ތިނަދޫ – 300 ހައުސިން ޔުނިޓް
ފުވައްމުލައް – 300 ހައުސިން ޔުނިޓް
އައްޑޫ، ހިތަދޫ – 300 ހައުސިން ޔުނިޓް
އައްޑޫ، ފޭދޫ – 200 ހައުސިން ޔުނިޓް
މަރަދޫ ފޭދޫ – 25 ހައުސިން ޔުނިޓް
މަރަދޫ – 25 ހައުސިން ޔުނިޓް
ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ހިލޭ ބިން ފޯރުކޮށްދޭނެ ކަމަށާއި ބިން ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރަން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން ޖެހެނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބިލްޑް އެންޑް ސޭލް މޮޑެލްގެ ދަށުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން އެފޯޑަބަލް ހައުސިންގެ ގޮތުގައި 60 ޕަސެންޓް ޔުނިޓް ވިއްކަން ޖެހޭއިރު ބާކީ 40 ޕަސެންޓް ޔުނިޓް މާކެޓު ރޭޓުގައި ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ލިބިގެންވެ އެވެ. އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނަންޖެހޭއިރު އެތަން އެންމެ އަގު ބޮޑުކޮށް ވެސް ވިއްކޭނީ 1.5 މިލިއަން ރުފިޔާއަށެވެ.
ގިނަ ލުއިތަކެއް ވެސް ލިބޭ އެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ މެއިލް proposal@infrastructure.gov.mv މެދުވެރިކޮށެވެ.




