މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުން އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ އެ މަގާމުތަކާއި އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެ ބަދަލާ އެކު، އެ މީހުންގެ މުސާރަތައް ވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފައެވެ.
ޕާމަނަންޓް ސެކްރެޓަރީ އާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ގެންނަ ބަދަލު:
° ޕާމަނަންޓް ސެކްރެޓަރީ ރޭންކް 17 – އަސާސީ މުސާރަ އަށް 23،935ރ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065ރ.
° ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްތައް) ރޭންކް 17 – އަސާސީ މުސާރައަށް 23،935 އަދި އެގްޒެކްޓިވް އެލަވަންސްއަށް 23،065ރ.
° ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްތައް) ރޭންކް 16 – އަސާސީ މުސާރައަށް 18،000ރ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 6،620ރ.
° ސެކްރެޓަރީ ޖެނަރަލް (ޑިޕްލޮމާ އަދި ތަޖުރިބާ) ރޭންކް 16 – އަސާސީ މުސާރައަށް 10،000ރ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 7،000ރ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަލަށް އަމަލުކުރަން ފަށާއިރު، މީގެ ކުރިން ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި 53،000 އެއްހާ ރުފިޔާ ލިބެ އެވެ. އަދި ޑިޕްލޮމާ އިން މަތިން ކިޔަވާފައި ތިބޭ ރަށު ކައުންސިލުތަކުގެ އެސްޖީންނަށް 35،000ރ. ލިބޭއިރު ޑިޕްލޮމާ އާއި ތަޖުރިބާ ހުރި އެސްޖީންނަށް 32،000ރ. މުސާރައިގެ ގޮތުގައި ކުރިން ލިބުނެވެ.




