ވިލިމާލޭގެ ”ވިލިދޫނި ބަގީޗާ“ ޕާކުގެ ގޯތިތެރޭގައި ހުރި ގަހަކަށް ގެއްލުން ދެމުން ދަނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަޔަކު އެ ބަގީޗާއަށް ވަދެ އެ ގަހަށް ގެއްލުން ދެމުން ދަނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި މި އަމަލާ ގުޅޭ ބައެއް ފޮޓޯތައް ވެސް ކައުންސިލުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ވިލިދޫނި ބަގީޗާގެ ގަހަކަށް ބަޔަކު ވަދެ ގެއްލުން ދޭން އުޅުނު މައްސަލައެއް ފެންމަތިވެފައި މިވަނީ، މި މަހުގެ 14 ވަނަ ދުވަހު ހަމަ އެ ޕާކުގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ.
ނިކަ ގަސް ކަނޑާލި މައްސަލައިގައި ސިޓީ ކައުންސިލުން ބުނީ އެ ގަސް ކަނޑާލުމުގައި ކައުންސިލްގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށެވެ.
އެ ގަސް ކަނޑާލުމާ ގުޅިގެން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނިކަގަސް ކަނޑާލި މައްސަލައިގައި ކައުންސިލުން ބުނީ، އެ އަމަލު ހިންގި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެއީ ކޮން ބަޔަކު ކޮން މަގުސަދެއްގައި ކުރި ކަމެއްކަން އަދި ސާފުނުވާ ކަމަށެވެ.
އެ ސަރަހައްދުގެ މަންޒަރުތަކުން ފެންނަ ގޮތުގައި އެ މަސައްކަތް ކޮށްފައިވަނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކުގައެވެ.
އެގޮތުން، މަގު ބަންދުކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާކަން އަންގައިދޭ ބޯޑެއް ބަހައްޓައި، ފުލުހުން ބޭނުންކުރާ ކަހަލަ ރީނދޫ ކުލައިގެ ޓޭޕާއި ކޯން ބޭނުންކޮށްގެން އެ ސަރަހައްދު ބަންދުކޮށްގެން ގަސް ކަނޑާފައިވާކަން ފޮޓޯތަކުން ފެންނަން ހުއްޓެވެ.



