މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަންޖެހުމާ އެކު، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިލަފުށި ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހި އަދި ދުވަހުން ދުވަހަށް ދޭ ހިދުމަތްތަކަށް ހުރަސް އެޅި މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށެވެ.
އެ ހާދިސާގެ ސަބަބުން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކަށް ބުރޫއަރާފައިވާކަން ފާހަގަކޮށް، ވެމްކޯ އިން ބުނީ އެ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަންޖެހިފައިވާ ކަމަށެވެ.
”މި ހާދިސާއާ ގުޅިގެން ތިލަފުށިން ދެމުންދާ އެކި ހިދުމަތްތައް ހާއްސަކޮށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ވަނީ މިކަމުގެ އަސަރު ކޮށްފަ އެވެ. މި ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކުރުމަށް މަޖުބޫރުވެފަ އެވެ،“ ވެމްކޯގެ ބަޔާނުގައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ތިލަފުށި ސައިޓު އޮޕަރޭޝަން ކުރީގެ ހާލަތަށް އިޔާދަކުރުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ. އަދި ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދެމުންދާ ހުރިހާ ސައިޓުތަކެއްގެ މަސައްކަތްތައް ބެލުމަށް ފަހު، ދިމާވި ހާދިސާއާ ގުޅިގެން އާންމުންނަށް އެކަމުން ކުރާނެ އަސަރު ވީހާވެސް ކުޑަކޮށް، އަވަސް މުއްދަތެއްގައި އޮޕަރޭޝަން ކުރީގެ ހާލަތަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.



