އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުން ފަލަސްތީނުގެ މުސްލިމު ރައްޔިތުން ސަލާމަތްކޮށް ދިނުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަޒީރު ޑރ ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން، މިއަދުން ފެށިގެން މައުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ.
ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ. މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު.
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 29, 2024
”މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު،“ ވަޒީރު ޑރ ޝަހީމްގެ އެކްސްޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސައެއް ކުރިމަތިވުމުން ފަރުޟު ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ. މީގެ ކުރިންވެސް ރާއްޖޭގައި ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންގެ ސަލާމަތަށްޓަކައި ގުނޫތުނާޒިލާ ގިނަ ދުވަސްތަކެއް ވަންދެން ވަނީ ކިޔާފައެވެ.




