މިކުޑަ ޖަޒީރާތަކުން އުފެދިފައިވާ ރާއްޖޭގެ ތަރައްޤީގެ ވާހަކަ ދައްކާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އަލަށް ގެނެސްފައިވާ ބަދަލުތަކާއި، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ވާހަކަތަކަކީ ނުކިޔާ ދޫކުރެވޭނޭވަރުގެ ވާހަކަތަކެއް ނޫނެވެ.
ވީއައިއޭއަށް ގެނެވުނު ބަދަލުތަކަށް ނަޒަރުހިންގާލާއިރު، އެތަނުގައި އަލަށް ހުޅުވާފައިވާ ޓާމިނަލް 1 އަކީ މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ވެސް އެތަނަކަށް ލިބިފައިވާ ވަރަށް ވެސް ހިތްގައިމު މަންޒިލެކެވެ.
ކުލަގަދަ ޚާއްސަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އައު ޓާމިނަލް ހުޅުވާފައިވަނީ ނިމިދިޔަ 2025 ވަނަ އަހަރުގެ ޖުލައި 26 ވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރެއެވެ. އެ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ފްލައިޓުތައް ބަދަލުކުރުމުގެ އިތުރުން ދަތުރުވެރިންނަށްޓަކައި އަލަށް ހުޅުވި ބައެއް ސަރަހައްދުތައް:
ވީއައިއޭގެ އައު ޓާމިނަލްގެ އޮޕަރޭޝަންތައް ފަށައި، އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިންއިން ރާއްޖެ ފުރައިގެން އައި ޤައުމީ އެއާލައިންގެ މަތިންދާބޯޓު 2Q 707 އަށެވެ. އެއީ 27 ޖުލައި 2025 ގައެވެ. އޭގެފަހުން އެ މަހުގެ 31 ވަނަ ދުވަހާ ހަމައަށް 2000 އަށްވުރެ ގިނަ ޕަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ.
އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން ބޮޑެތި އެއާލައިންތަކަށް ހިދުމަތް ދިނުން ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ.
މީގެއިތުރުން އާ ޓާމިނަލްގެ ޑިއުޓީ ފްރީ އެއްކޮށް ބޭނުންކުރަން ފެށުމާއި ސީޕްލޭން ކައުންޓަރުގެ ހިދުމަތްތައް ދޭން ފެށުން ވެސް ހިމެނެއެވެ. މީގެއިތުރުން އެތަނުގައި އަލަށް ހުޅުވި ”ކާމް ރޫމް“ އާއި ”ވެއިޓިންގް އޭރިއާ“ އަދި ކުޑަކުދިންނަށް މަޖާ ކޮށްލަން މަޑުކޮށްލެވޭނެ ޚާއްސަ ޖާގައެއް ވެސް ޕިވިލިއަން ސަރަހައްދުގައި ވަނީ ހަދާފައެވެ.
”ސައުވީސް“ އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޓާމިނަލް އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރ އަލީ ރަޝީދު ވަނީ، އަލަށް ހުޅުވި މިސަރަހައްދުތަކާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވާފައެވެ.

”ކާމް ރޫމް“ ގަދަ އަޑުތަކުން އުނދަގޫވާ ކުދިންނަށް ޚާއްސަ ކުރެވިފައިވާ ޚާއްސަ ޖާގައެއް
ވީއައިއޭގައި އަލަށް ހުޅުވާފައިވާ އެއް ޚާއްސަ ޖާގައަކީ އިމިގްރޭޝަން ޗެކިން ފަސްދިނުމަށްފަހު، ޑިއުޓި ފްރީ ޝޮޕްތަކާ ދިމާލަށް ދާ ސަރަހައްދުގައި ހަދާފައިވާ ”ކާމް ރޫމް“ އެވެ. މިތަނަކީ، ގަދަ އަޑުތައް އިވުމުން އުނދަގޫވާ ނުވަތަ އެ ނޫންވެސް އެއްވެސް ކަހަލަ އުނދަގޫތަކެއްވާ ޚާއްސަ ކުދިންނަށް ހަދާފައިވާ ޖާގައެކެވެ.
”ކާމް ރޫމް“ އަށް ދެވިފައިވާ ނަމުންނާއި އެތަނަށް ބަލައިލުމުން ވެސް އެއީ އެފަދަ ކުދިންގެ އިހުސާސްތައް ރަނގަޅަށް ދެނެގަނެގެން ހަދާފައިވާ ޚާއްސަ ޖާގައެއްކަން ހާމަވެގެން ދެއެވެ. މިއީ ފުރާވަގުތު ޖެހެންދެން އެފަދަ ކުދިންނަށް އެއްވެސް ދަތިކަމަކާ ނުލާ، އަރާމުކޮށްލަން މަޑުކުރެވޭނެ ޖާގައެކެވެ.
ނަމަވެސް މިތަނުގެ ޚިދުމަތް ހޯދުމަށް ކުރިން އޮންލައިން ބުކިންގް ހަދަން ޖެހެއެވެ.

”އޮންލައިންކޮށް ބުކިންގ ހަދާލެވޭނެ. ބުކިންގް އިންނާނީ އިންފޮމޭޝަން ޑެސްކުގައި ރިކޯޑު ކުރެވިފަ. ދެން މިކޮޅަށް އައިމަ އަޅުގަނޑުމެންގެ ސްޓާފުން އެމީހުންނަށް ޗެކިންއާ ހުރިހާކަމެއް ކޮށްދެނެ. ކާމްރޫމަށް ދާން ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ ޗެކިންގް ޕްރޮސެސް ވެސް އަވަސް ވާނެ. ސެކިއުރިޓީ ވެސް ވަކި މެޝިނެއް މެދުވެރިކޮށް ގޮސްފަ އެ ކޮޓަރީގައި މަޑުކޮށްލެވޭނެ“ އަލީ ރަޝީދު ވިދާޅުވިއެވެ.
ކުއްޖާ ބޭނުންނަމަ ބޭރުގައި ވެސް މަޑުކޮށްލެވެއެވެ. އަދި އެތަން ހަދާފައިވަނީ އެ ރޫމް ކައިރީގައި ނަމާދުވެސް ކުރެވޭނެ ޖާގައަކާ އެކުގައެވެ.
”ކާމް ރޫމް“ ގެ ސަބަބުން އެތައް ބެލެނިވެރިން ހިތްހަމަޖެހިފައިވާ ކަމަށާއި ވަރަށްވެސް ރަނގަޅު ފީޑްބެކްތަކެއް ލިބިފައިވާކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ދަތުރުގެ ވަގުތު ޖެހެންދެން ކުޑަކުދިން މަޖާކޮށްލަން ހަދާފައިވާ ޚާއްސަ ޖާގައެއް
ވީއައިއޭގައި އިތުރަށް ހަދާފައިވާ ޖާގައަކީ އެތަނުގެ ޕެވީލިއަންގައި ކުޑަކުދިންނަށް ޚާއްސަކޮށް ހަދާފައިވާ ޖާގައެވެ. ވީއައިއޭގެ ފުޑް ކޯޓު ކައިރީގައި ހަދާފައިވާ މި ޖާގައިގައި ކުޑަކުދިން ފޫހި ފިލުވާލަން ޝައުޤުވެރިވާނެފަދަ ކުޅޭ އެއްޗެހި ބަހައްޓާފައިވެއެވެ. ފާހަގ ކުރެވޭ ގޮތުގައި އެތަނުގެ އެތެރެ ހަދާފައިވަނީ ކުޑަކުދިންނަށް މަޖާ ކުރެވޭނޭ ނަމަވެސް ރައްކާތެރިވެސް ގޮތަކަށެވެ.

”ކުޑަކުދިންގެ އެ އޭރިއާއަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބޭ. ބައެއް ކުދިން ފުރާ ވަގުތު ޖެހުމުން ވެސް އެތަނުން ނުނިކުންނަން ވެސް އުޅޭ“ އުފަލާއެކު އަލި ރަޝީދު ފާހަގަ ކޮށްފައިވެއެވެ.
ދަތުރުގެ ވަގުތު ޖެހެންދެން ހިތްހަމަ ޖެހިގެން މަޑުކޮށްލުމަށް ޓާމިނަލް 1ގެ ވެއިޓިންގް އޭރިއާ ވަރަށް ފައްކާ!
ޓާމިނަލް 1 ގައި މިހާރު ހުރި އާ ޖަގަތަކަށް ބަލާއިރު ދެން އެންމެ ލޮލުގައި އަޅައިގަތީ އަލަށޤ ހަދާފައިވާ ވެއިޓިންގް އޭރިއާ އެވެ. ކާން ބޭނުންނަމަ، ކާބޯތަކެތި ވެސް ހިފައިގެން އިނދެވޭނެފަދަ ގޮތަކަށް ގޮނޑިއާއި މޭޒުތައް އަތުރާލާފައިވާ އެ ޖާގައަށް ވަނުމުން ވެސް ހިތްހަމަޖެހުން ލިބިގެންދެއެވެ. ރީތި ލޮލަށް އުނދަގޫ ނުވާނެފަދަ އަލިކަމެއް ހުރި ބޮކިތަކާއި އަރާމު ސޯފާތަކެއް ވެސް ބަހައްޓާފައިވާ އެ ޖާގައަކީ މިހާރު ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ޖާގައެއްކަން އަލީ ރަޝީދު ފާހަގަ ކުރެއްވިއެވެ.

”ބައެއް މީހުން ބޭނުންވާނެ ވަކިން ތަނެއްގައި އިށީންދެލައިގެން އެއްޗެއް ކާލަން ނުވަތަ ފޮތެއް އެއްޗެއް ކިޔާލަން ވެސް. އެފަދަ ވަރަށް ގިނަ މީހުން މިޖާގައިގެ ބޭނުން މިހާރު ކުރޭ.“ އަލީ ރަޝީދު ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އަމާޒަކީ، އަބަދުވެސް ޕަސިންޖަރުންނަށް ހިތްހަމަޖެހޭ، ފަސޭހަ އަދި ރައްކާތެރި ހިދުމަތްތަކެއް ދިނުންކަން ވީއައިއޭގެ އާ ޓާމިނަލްގެ އޮޕަރޭޝަންތަކުން ވަނީ ސާބިތުކޮށްދީފައެވެ.




