ސްކޫލްތަކުން އޯލެވެލް އަދި އޭލެވެލް އިމްތިހާން ނިންމާ ދަރިވަރުންގެ ތެރެއިން އިސްލާމް މާއްދާ އިން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގެ ބައިވެރިވުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގައި މިހާ ޒަމާން ވަންދެން އަބަދުވެސް އިމާމުކަން ކުރަމުން އަންނަ ޖީލެއް ވަނީ ނެތެން ކައިރިވެފައިވާކަން ފާހަގަ ކުރައްވާފައެވެ.
”ޚުޠުބާ ކިޔުމުގެ ޤާބިލިއްޔަތުކަމާއި، އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ، އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާނެ ވަރަށް ރަނގަޅު ސިފައެއް“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.




