ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ މަޝްހޫރު އަންހެން ވިޔަފާރިވެރިޔާ ފާތިމަތު ނަދާ މިފަހުން ”ހައުސް އޮފް ނަދާ“ ގެ ނަމުގައި ބޭއްވި ފެޝަން ޝޯގެ ވާހަކައެވެ.
މަޝްހޫރު އެކި މޫނުތަކާއި އިންފްލުއެންޒާސްތަކެއް ގުޅިގެން ވަނީ، ނަދާގެ ޑިޒައިންތަކެއް ކަމަށް ބުނެ، ރީތި ހެދުންތަކެއް ލައިގެން ފުރިހަމަ ފެޝަން ޝޯއެއް ދައްކާލާފައެވެ.
އެނގިފައިވާ ގޮތުގައި ނަދާވަނީ އެ ޝޯގައި ދައްކާލި ހެދުންތައް ނުހަނު ބޮޑު އަގުގައި ވިއްކަން ވެސް މަސައްކަތް ކޮށްފައެވެ.

ނަމަވެސް އެ ޝޯގައި ދައްކާލި ހެދުންތައް އާއްމުންގެ ސަމާލުކަމަށް އައުމާއެކު، ގިނަ ބަޔަކު ވަނީ ނަދާއަށާއި އެ ޝޯއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާގައެވެ.
އެގޮތުން ގިނަ ބަޔަކު ބުނެފައިވަނީ ނަދާ ދައްކާލި ހެދުންތަކަކީ އޮންލައިންކޮށް ވިޔަފާރި ކުރެވޭ ޕްލެޓްފޯމްތައް ކަމަށްވާ ”ޝީން“ ، ”ޓީމޫ“ އަދި ”ޝޮޕީ“ ފަދަ ތަންތަނުން ވަރަށް ވެސް އަގުހެޔޮކޮށް ލިބެން ހުންނަ ހެދުންތަކެކެވެ. އަދި އެ ހެދުމުގެ ޑިޒައިންތައް ހުރިގޮތަށް ނަދާ ކޮޕީ ކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ވަނީ އުފުލިފައެވެ.

ޝީންފަދަ އޮންލައިންކޮށް ހެޔު އަގުގައި ލިބެންހުރި ތަކެތި، ނަދާ ވަނީ ވަރަށް އަގުބޮޑުކޮށް ވިއްކަން މަސައްކަތް ކޮށްފައި ކަމަށް ވެސް ގިނަބަޔަކު ތުހުމަތު ކޮށްފައިވެއެވެ.
އެގޮތުން ބައެއް މީހުން ބުނި ގޮތުގައި، ނަދާ 5000 ރުފިޔާއަށް ނުވަތަ އެއަށްވުރެ އަގުބޮޑުކޮށް ވިއްކާލަން މަސައްކަތް ކޮށްފައިވާ ހެދުންތައް ޓީމޫއާއި ޝީން އިންވެސް 10 ޑޮލަރަށް ނުވަތަ އެއަށްވުރެ ވެސް އަގުހެޔޮކޮށް ލިބެން އެބަހުއްޓެވެ. ބައެއްގެ ޑިޒައިންތަކެއް އަމިއްލަ ކޮށްގެން ވިއްކުމުން، ނަދާއަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.
އެގޮތުން ގިނަ ބަޔަކު ބުނެފައިވަނީ، އަމިއްލަ ޑިޒައިންތަކެއް ކަމަށް ބުނެ ޝީންއިން އަގުހެޔޮކޮށް ތަކެތި ގަނެ، ނަދާ ބޮޑުއަގުގައި ވިއްކައި، ރައްޔިތުން ސްކޭމް ކުރަނީ ކަމަށެވެ.



