ހިމަބިހީގެ އިތުރު 17 ކޭސް މިދިޔަ ހަފްތާގައި ވެސް ފެނިފައިވާ ކަމަށާއި މި ބަލިން ރައްކާތެރިވާން މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ހާމަކޮށްފިއެވެ.
ހިމަބިހި އައުޓްބްރޭކާ ގުޅިގެން، ހަފްތާއަކު އެއްފަހަރު ސޯޝަލް މީޑިއާގައި އާންމުކުރަމުން އަންނަ މައުލޫމާތުގައިވާ ގޮތުން އިތުރު 17 މީހަކަށް ބަލި ޖެހި، މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް ވަނީ އަރައިފަ އެވެ.
އޭގެ ކުރީ ހަފުތާގައި ވެސްހިމަބިހި ޖެހުނީ 10 މީހަކަށެވެ.
ރާއްޖެއިން ހިމަބިހި ނައްތާލި ކަމަށް ޑަބްލިއުއެޗްއޯއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ދޭތެރެ ދޭތެރެއިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި އެ ބަލި އިތުރުވާން ފެށުމުންނެވެ.
މިހާރު އެ ބަލި އުޅޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމުން ރައްކާތެރިވާން މިދިޔަ މަހު ވެކްސިނޭޝަން ޕްރޮގްރާމް ފަށައި މިހާތަނަށް 16،045 މީހަކަށް ވަނީ ވެކްސިން ދީފައެވެ.



