ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަމަޖައްސައިފިއެވެ. ސަބީހާ މި މަގާމަށް އައްޔަންކޮށްފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސަބީހާ މިހާރު ވެސް ހުންނެވީ ވީއެމްސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައެވެ. މީގެ އިތުރުން އޭނާއަކީ އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ވެސް މެއެވެ. ސަބީހާ ސީއޯއޯގެ މަގާމު ޑިސެމްބަރު 2023 އިން ފެށިގެން އަދާކުރައްވަމުން ގެންދަވާއިރު، ވީއެމްސީގެ ބޯޑަށް އޭނާ އައްޔަންކޮށްފައިވަނީ 29 އޮކްޓޫބަރު 2025 ގައެވެ. އިސްތިއުފާ ދެއްވި ޝިއުރީ އެމްޑީގެ މަގާމު ފުރުއްވަމުން ގެންދެވީ 13 ޖޫން 2024 އިން ފެށިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެއެވެ.
ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަބީހާއަކީ ޑެސްޓިނޭޝަން މާކެޓިން، ލަގްޒަރީ ރިސޯޓް، ސޭލްސް އަދި ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ހާއްސަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ވީއެމްސީގައި އޭނާ ވަނީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު ދާއިރާތައް ކަމަށްވާ ބައިނަލްއަގުވާމީ ކެމްޕޭންތަކާއި، ޓްރޭޑް ހަރަކާތްތަކުގެ އިތުރުން ބްރޭންޑް މެނޭޖްމަންޓް ބަލަހައްޓަވާފައެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަގާމު ވަރުގަދަކުރުމަށް ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް ގާއިމުކުރުމާއި ވިޔަފާރި ފުޅާކުރުމަށް ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
ވީއެމްސީއާ ގުޅިވަޑައިގަތުމުގެ ކުރިން ސަބީހާ ވަނީ ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓްސް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، އެކޯ އަދި ޖުމެއިރާ ގްރޫޕުގައި މަސައްކަތް ކުރައްވާފައެވެ. ސަބީހާއަކީ މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.



