ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒްއާއި ބައްދަލުކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގައި ބައިވެރިވުމަށް، އިތުރު އަށް ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. ރައީސް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެ ކަމަށެވެ.
”ރައްޔިތުންގެ އަޑު“ އަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށްޓަކައި ފަށާފައިވާ ސިލްސިލާއެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.




