ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ޝުއައިބު ޔޫސުފް އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަގާމަށް ޝުއައިބު އައްޔަންކުރިިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ރިޝްފާގެ ދައުރު ހަމަވުމުންނެވެ.
ޝުއައިބު ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްކަން ފުރުއްވައިފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އޭނާ ވަނީ ކޮމިޝަނުން ރިޓަޔާވެފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އާ މެމްބަރަކު އައްޔަންކުރިއިރު، އެ އިދާރާއަށް މި ފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން، ޓްރައިބިއުނަލްގެ ރައީސަކަށް ހުންނެވި އިސްހާގު ހުސެއިން އިސްތިއުފާ ދެއްވައި އަދި ނައިބަކަށް ހުންނެވި ފާތިމަތު މަހީރާ ވަކިކުރިއެވެ.
އޭގެ ބަދަލުގައި ރައީސަކަށް އަމްޖަދު މުސްތަފާ އަދި ނައިބު ރައީސް ކަމަށް އަހުމަދު މަމްދޫހު މި ފަހުން ވަނީ ހަމަޖައްސައިފައެވެ.



