ޤައުމެއް ބިނާކޮށް ތަރައްޤީކުރުމުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަކީ ތަރައްޤީގެ ބިންގަލަށްވުމުގެ އިތުރުން އެއީ ޢާއިލާތަކާއި މުޖުތަމަޢުގެ އުފާވެރިކަމުގެ އަސްލުކަމަށާ، ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ޤައުމަށް ނުހަނު ބޭނުންތެރި ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އިސްލާމްދީން ވަނީ އަންހެނުންނާ ފިރިހެނުންގެ މެދުގައި ޢަދުލު ޤާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީޚު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން މެޑަމް ސާޖިދާ ވަނީ، ރާއްޖޭގެ ތާރީޚަށް ބަލާއިރު، ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރިބައެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގެ ބައެއް މިސާލުތައް ހިއްސާކުރައްވާފައެވެ.
އިސްލާމީ ތާރީޚު އަންހެނުންނަށް ގޮވާލަނީ، އުންމަތް ބާރުވެރިކުރުވައި، މުޖުތަމަޢު ޤަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ޚުލްޤުހެޔޮ ބަޔަކަށްވުމަށްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވަނީ، ދިވެހި އަންހެނުންގެ ވިލުންތެރިކަން، އަދި ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ޤައުމަށް ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ.



