އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ދައުވާކުރި ދެ މީހުން ކުށަށް އިއުތިރާފުވުމުން، މަސް ދުވަހަކަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މަގުމަތިން ހިނގާފައި ދަނިކޮށް މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ. އޭނާއާއެކު ދިޔަ އިތުރު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ ގަޔަށް ސައިކަލެއްގައި އައިސް ކަޅުތެޔޮ ޖެހި މައްސަލާގައި އޭރު ދެ މީހަކު ހައްޔަރުކޮށް، ދައުވާކުރިއެވެ.
އެގޮތުން ކަޅުތެޔޮ ޖެހި އަހުމަދު ރައިހާން ނައީމް، މ. ކޯރަސްގެ މައްޗަށް ކޮށްފައިވަނީ ގައިގައި އަތްލުމުގެ ދައުވާއާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާއެވެ.
އެކަމަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ރިޝްމާހު، ސަންލައިޓުވިލާ/ގއ. ދާންދޫގެ މައްޗަށް ކޮށްފައިވަނީ މުދަލަށް ގެއްލުންދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މި މައްސަލާގައި ދެ މީހުން ވެސް ފުރަތަމަ ކޯޓުގައި އެދުނީ ދައުލަތާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށެވެ. އެކަމަކު، ދައުލަތުން އެފަދަ އެއްބަސްވުމެއް ހަދަން ދެކޮޅުހެދުމުން، ދައުވާތަކަށް ދެ މީހުން ވެސް ފަހުން ކޯޓުގައި އިއުތިރާފްވިއެވެ.




