މިފްކޯއަށް މިއަދު މަސް ގަންނަނީ ކިލޯއެއް 21 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެފިއެވެ.
މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެ ކަމަށް މިފްކޯއިންވަނީ ފާހަގަކޮށްފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެއާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑުވަނީ އިތުރުވެފައެވެ. އެހެންކަމުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ.
އެގޮތުން މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގަށް މިވަނީ އިތުރު 1.00 ރުފިޔާ ބޮޑުވެފައެވެ.
މަސް ގަންނަ އަގަށް ގެނައި މިބަދަލާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން މިފްކޯއިން ބުނީ މަސްވެރިންގެ އަތުން މިއަދު މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މަސް ގަންނަ އަގު މައިގަނޑުގޮތެއްގައި ބިނާވަނީ ޑިމާންޑު އަދި ސައިޕްލައިއަށެވެ. މިފްކޯއިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށް ކަމަށް މިފްކޯއިން މީގެކުރިން ވަނީ ބުނެފައެވެ.



