ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެ މަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.
އެ ދުވަހު ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންވަނިކޮށް ވަނީ ބޮން ގޮއްވާލައިފައެވެ.
އެގޮތުން 2021 ވަނަ އަހަރުގެ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންނަކީ:
° މއ. ފޭރުގޭ / މުޖާޒް އަހުމަދު
° ގއ. ކޮނޑޭ، ފޮޅޭމާ / ތަހުމީން އަޙުމަދު
° ނ. މަނަދޫ، ނޫރީގެ / ޢަލީ ހައިޝަމް
° އއ. މާޅޮސް، އަސަރީގެ / މުޙައްމަދު ނާޒިމް
° ގއ. ވިލިނގިލި، ހުދުރުވާގެ / ފަހުމީ ޢަލީ
° ހއ. މޮޅަދޫ، މ. ކުދެހިގެ / އިސްހާގު
މީގެ ތެރެއިން މާދަމާއަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައި ވަނީ ޢަލީ ހައިޝަމް އަދި ފަހުމީ ޢަލީގެއެވެ.
ހައިޝަމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި ހައިޝަމްގެ އަޑުއެހުން މާދަމާގެ 14:00 އަށް ތާވަލުކޮށްފައިވާއިރު ފަހުމީގެ އަޑުއެހުން އޮތީ ހެނދުނު 09:00 ގައެވެ.



