ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.
އެ ހޮސްޕިޓަލްގައި ފެށި 3 ޚިދުމަތަކީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ޤީލާ އަލީއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި މި ޚިދުމަތްތައް ފެށުމުގެ ގޮތުން މިނިސްޓަރު ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުވާދެއްވާފައެވެ. މި ޚިދުމަތްތައް ހުޅުމާލޭ ހޮސްޕިޓލްގައި ފެށުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޤީލާ ވިދާޅުވީ މި ޚިދުމަތްތަކަކީ އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް ދެމުންދާ ޚިދުމަތްތަކެއްކަމަށެވެ. ނަމަވެސް މި ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮންނަ ބާރު ކުޑަކުރުމުގެ ގޮތުންކަމަށެވެ. މިވަގުތުވެސް ވެއިޓްލިސްޓްގައި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުން ކަމަށެވެ.
”މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އަހަރެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރޭ. އުންމީދުކުރަނީ އެކަން މިއަށް ވުރެ ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ފޯރުކޮށްދިނުން. ރައީސްގެ އަމާޒަކީ މިފަދަ ސްޕަޝަލިސްޓް ޚިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމްކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން“ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ގިނަ ސްޕެޝަލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާކަމަށެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި ހުޅުމާލޭގައި މިއަދު ތަޢާރަފްކުރި ޚިދުމަތްތައް ހޯދުމަށް ދާން ޖެހެނީ އައިޖީއެމްއެޗްއާއި ދަރުމަވަންތައް ހޮސްޕިޓަލަށްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.




