ބަރަހަނާ ފޮޓޯ އާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ ނުވަ ޓެލެގްރާމް އެކައުންޓާ އެކު 571 ޗެނަލް ހިންގައި އެއިން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ދައުވާތަކެއް އުފުލި ތިން މީހުންގެ މައްޗަށް ދައުވާތައް ސާބިތުވެ ކްރިމިނަލް ކޯޓުން މި މަހު ތެރޭ ހުކުމްކޮށްފިއެވެ.
މި މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން، އޮގަސްޓް 2024 ގައެވެ. އެ ތިން މީހުން ވެސް ކުށަށް އިއުތިރާފުވުމުން ޖަލަށް ލާން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައިގައި ޖަލަށްލާން ހުކުމް ކޮށްފައިވަނީ:
° ޒުބައިރު އަލީ، ބަހާރުގެ/އދ. މަހިބަދޫ
° ނާސިފް އަލީ، ދަފްތަރު ނަންބަރު ރސ 14751
° އިސްމާއީލް ޒަބީހް، ސިލިންކޯ/ކ. ކާށިދޫ
މި ތިން މީހުންގެ ތެރެއިން ޒުބައިރު އަލީގެ މައްޗަށް އުފުލީ އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދައުވާ އާއި އޮރިޔާން ކާޑު އާންމުކުރުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދައުވާތަކަށް ކޯޓުން ހުކުމްކުރީ:
° އޮރިޔާން ކާޑު ގެންގުޅުމުގެ އެއް ދައުވާއަށް 18 ދުވަހުގެ ޖަލު ހުކުމެއް؛ އަނެއް ދައުވާއަށް ނުވަ ދުވަހުގެ ޖަލު ހުކުމެއް
° އޮރިން ކާޑު އާންމުކުރުމުގެ ދައުވާއަށް އެއް އަހަރާއި މަސްދުވަހުގެ ޖަލު ހުކުމެއް
° މަނީ ލޯންޑަރިންގެ ދައުވާއަށް ދެ އަހަރާއި ހަ މަހަށް ޖަލަށްލުމާ އެކު 600،000ރ.ގެ ޖޫރިމަނާއެއް ދެއްކުމަށް
ޒަބީހާއި ނާސިފްގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދައުވާތަކަށް ކޯޓުން ހުކުމްކުރީ:
° ޓެލެގްރާމް ޗެނަލްތަކުން ހޯދި ފައިސާ ހިމެނޭ ގޮތަށް ނާސިފުގެ މައްޗަށް 263،232ރ.ގެ ޖޫރިމަނާގެ އިތުރަށް ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް
° އަންހެނަކަށް ވެގެން އޮޅުވާލައިގެން މީހުންނާ ވާހަކަ ދައްކައި ގުޅުން ބަދަހިކޮށްގެން 700،000ރ.އަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަގާއި ޒަބީހަށް ލިބުނު ފައިސާގެ ބައި ހިމެނޭ ގޮތަށް 100،000ރ.ގެ ޖޫރިމަނާއަކާއި ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެއް



