އުމުރުން 3 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރު ވީޑިއޯ ކުރި މައްސަލައެއްގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފިއެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން 2026 އޯގަސްޓް 28 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިއީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވުމުން، މިކަމާ ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތެއް ނުދެއްވައެވެ. އަދި ކުއްޖާގެ ވަނަވަރު ހާމަވާނޭފަދަ އެއްވެސް މައުލޫމާތެއް ވެސް ހިއްސާއެއް ނުކުރައްވައެވެ.
ނަމަވެސް ”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ކުއްޖާގެ ބައްޕައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




