ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ.ވައިޓްޑައިމަންޑް / އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޖަމީލާ ޢަލީ ޚާލިދު ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖޭން އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މި ހިނގާ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގައެވެ. މި މަގާމަށް އޭނާ އައްޔަނު ކުރައްވަން ފެންނަކަމަށް މަޖިލީހުން ރުހުން ދިނީ މި މަހުގެ 26 ވަނަ ދުވަހުގައެވެ.
ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ މި މަގާމާ ހަވާލުވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގައެވެ.
ޖަމީލާ ވަނީ ޖަރުމަނުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުކަން 2017 އިން 2019 އަށް ފުރުއްވައިފައެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކުރެއްވިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.




