ކުޑަ ދެ އަންހެން ކުދިން މިއަދު ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކުދިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މީގެ ދެ ދުވަސް ކުރިން ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ ކުއްޖަކު ވަނީ މިއަދު ފަތިހު ނިޔާވެފައެވެ. އަދި ހުޅުމާލޭ ފްލެޓަކުން މިއަދު މެންދުރު ވެއްޓުނު އުމުރުން 2 އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާސްތަކެއް ކޮށްފައިވާ ކަމަށެވެ.
”މި މަޢުޞޫމް ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، އެ ދެ މަރްޙޫމުން، ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުޢާކުރަން“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ.
”ވަކިން ޚާއްޞަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމު. ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްރާމުތައް، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށްގެންދިޔުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.



