މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މި އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދުގެ ޑްރައިވަރުންގެ ލައިސަންސް މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަހުމަދު އިއްޔެ ފަތިހުގެ ވަގުތެއްގައިވަނީ އައިޖީއެމްއެޗްގައި ނިޔާވެފައެވެ.
ފުލުހުން ބުނީ، މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނުކަން ވެސް ފުލުހުން ހާމަކުރިއެވެ.
”އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން“ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯވ ކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފައި ކަމަށާއި އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



