ގަވައިދާއި ގަނޫނާ ހިލާފަށް މަނީ އެކްސްޗޭންޖު ކުރާ މީހުންގެ މައުލޫމާތު ހިއްސާކުރަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.
އެގޮތުން އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން އެދިފައިވެއެވެ. އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމުގައި ފުލުހުން ބުންޏެވެ.
”މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވަން. އަދި މިގޮތަށް މައުލޫމާތު ދެއްވާ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމުގައި ދަންނަވަން“ ފުލުހުން ބުނެފައިވެއެވެ.




