ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މި ހިނގާ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ވިލިމާލެ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްޓަކައި ސިއްޙީ ޚިދުމަތްތައް ކުރީގެ އަމާން ހިޔާއަށް ވަގުތީ ގޮތުން ބަދަލުކުރުމަށް މީގެކުރިން ވަނީ ނިންމާފައެވެ.
މިކަމާ ބެހޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޙަލީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަގުތީ އިމާރަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްކަމަށެވެ. އަދި އެ އިމާރާތުގައި ލިފްޓެއް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ބައިބަޔަށް ބަހާލައިގެން ޚިދުމަތަށް ބުރު ނާރާނެހެން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ޚިދުމަތްތަކާއި އޯޕީޑީއާއި ވެކްސިން ޖެހުންފަދަ ޚިދުމަތްތައްކަމަށް ސީއީއޯ ވިދާޅުވިއެވެ. ވަގުތީ އިމާރާތައް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
”ވަގުތީ އިމާރާތުގެ ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންް. ވަގުތީ އިމާރާތަކީ ކުރިން ލިފްޓެއް ހުރި ތަނެއް ނޫން. އެހެންކަމުން އެތަނުގައި ބެޑް ލިފްޓެއް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން. ލިފްޓް ބެހެއްޓިގެން އިތުރު ފަންގިފިލާއަށް ޚިދުމަތްތައް ބަދަލުކުރެވޭނީ. ގްރައުން ފްލޯއިން ދޭ ޚިދުމަތްތައް ފުރަތަމަ ބަދަލުކުރެވިގެންދާނީ.“ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޙަލީމް ވިދާޅުވިއެވެ.



