މަގު ހުރަސްކުރި މީހެއްގެ ގައިގައިޖެހި ސައިކަލަކުން ޖެހި ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:03 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބެލިބެލުމުން، ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، ކުއްޖާ ގައިން ނައްޓަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވަނީ ވެއްޓިފައެވެ. އަދި މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



