ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއް ކަމަށް ކަނޑައެޅި އިރު އެ މީހުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސާފައި ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
އެ ރަށުގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަން ހަވާލުކޮށްފައިވަނީ އެ އަތޮޅު ހަނިމާދޫ ކައުންސިލާ އެވެ. ނަމަވެސް، އެގޮތަށް ކަންތައް ނުހިނގާ ކަމަށް ބުނެ، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައިދޭން އިދިކޮޅު އެމްޑީޕީގެ ފަރާތުން އެޗްއާރްސީއެމަށް ހުށަހެޅި މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރަށުގެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބިދީފައިނުވާ ކަމަށެވެ.
އިދިކޮޅުގެ ފަރާތުން ހުށަހެޅި މި މައްސަލައާ ބެހޭގޮތުން އެޗްއާރުސީއެމުން ބުނީ އެ މައްސަލަ ރަޖިސްޓްރީކޮށް ބަލަމުން އަންނަ ކަމަށެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގެ ރަށްތަކުގެ ތެެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.



