މާފަންނު މުރަނގަ މަގުގައި ހުރި، ”ކްރާސާ“ ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ، މުޙައްމަދު އަޙްމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމި އިބްރާހީމް ފައިޙް ނިޡާމް އަދި ސިރުޙާން ޢަލީގެ މައްޗަށް ވަކި ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
މިއީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:28 ހާއިރު މާފަންނު މުރަނގަމަގުގައި ހުންނަ ’ކްރާސާ‘ ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ އެ ފިހާރަ ތެރޭގައި ހުރި، 30 އަހަރުގެ ނައުއްޓެއަށް ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލި މައްސަލައެކެވެ.
ނައުއްޓެ މަރުވީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހަމަލާ ދިންތާ ތިން ދުވަސް ފަހުން 27 ފެބްރުއަރީގައެވެ.
ހައިކޯޓުން މިއަދު ނިންމި ނިންމުމަކީ، ދަށު ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، އިސްތިއުނާފީ މައްސަލަ ނިމެންދެން އެ މީހުން ބަންދު ކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި އިޖުރާއަތާ ގުޅޭ ނިންމުމެވެ.
މި މައްސަލައިގެ އިސްތިއުނާފީ، ޝަރީޢަތުގެ ތެރޭގައި ދައުލަތުން ވަނީ ދައުލަތުގެ ހުށަހެޅުން ބަދަލުކޮށްފައެވެ. ދައުލަތުން ބުނެފައި ވަނީ ބަންދުގެ ބަހުސް ދިގުލައިގެން ދިއުމަކީ މައްސަލައިގެ މައުލޫއީ ބަޔަށް ލަސްތަކެއް ވެދާނެ ކަމެއް ކަމަކަށް ވާތީ، ބަންދުކުރުމުގެ ބަދަލުގައި އަނިޔާ ލިބުނު ފަރާތުގެ އާއިލާއަށް މުއާމަލާތް ނުކުރުމާއި، އިތުރު ކުށެއް ނުކުރުމުގެ އިތުރުން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުން ފަދަ ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ދައުލަތުން އެދޭ ފަދަ އަމުރެއް ނެރެދެވޭނެ ޤާނޫނީ ހާލަތެއް ނެތް ކަމަށެވެ. އަޣުލަބިއްޔަތު ރައުޔު ނެރުއްވި ފަނޑިޔާރު އިސްމާޢީލް ޝަފީޢު އަދި ފަނޑިޔާރު އިބްރާހީމް މާހިރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން ފުރަތަމަ ހުށަހެޅި ބަންދުކުރުމުގެ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާތީއާއި، ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ މީހަކު ޝަރުތުކުރުމަށްފަހު ބަންދުން ދޫކުރުމަށް އެދެވިދާނެ ޤާނޫނީ އަސާސެއް ދައުލަތަށް ބަޔާންކޮށްދެވިފައެއް ނުވެއެވެ.




