ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، އަންނަ ހޮނިހިރު ސުވަހު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މި އަހަރުގެ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. މި ހަވީރަކީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް، ގިނަ ހަރަކާތްތަކަކާއެކު ފަރުމާކުރެވިފައިވާ، ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތެކެވެ.
ހުރިހާ އާއިލާތަކުން ވެސް ކުދިން ގޮވައިގެން މި ހަވީރުގައި ބައިވެރިވުމަށް ފުލުހުން ވަނީ ދައުވަތު ދީފައެވެ.
މާލޭގައި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރުގެ ހެނދުނު 6:00 ގައި ބާއްވާ ”އެކުވެރިކަމުގެ ހިނގާލުން“ އިންނެވެ. އަދި އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން ”ބްލޫސް ފެމިލީ ނައިޓް“ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 6 ސެޕްޓެމްބަރު 2026 ގައެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ”ޕޮލިސް ވޯކް އެންޑް ޓޯކް“ ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރު އަދި ”އެކުވެރިކަމުގެ ހިނގާލުން“ ހިމެނެއެވެ.



