މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް މަަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީއިން ވަނީ، ސަރުކާރުން ހަވާލުވިފަހުން އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިހާރު ކުރިއަށްދާކަން ހާމަކުރައްވާފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ޤާއިމްކޮށް ދަނީ ޚިދުމަތްދެމުންނެވެ. މަސްވެރިންނަށް ބޭނުންވާ އައިސް ހޯދަން ދުރަށް ދުއްވަން ނުޖެހޭނެ ގޮތަށް ސަރުކާރުން ވަނީ، މަސްވެރިކަން ކުރާ އެކި ސަރަހައްދުތަކުގައި އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ރާވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވަނީ، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް 5 އައިސް ޕްލާންޓެއް ތަރައްޤީކޮށް، އައިސް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓެއްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ނިޔަލަށް ނިންމާ އައިސްޕްލާންޓުތައް
* މ. ވޭވަށު – 60 ޓަނު
* ޅ. ނައިފަރު – 40 ޓަނު
* ލ. މާބައިދޫ – 25 ޓަނު
* ލ. މާވަށް – 10 ޓަނު
* ލ. ހިތަދޫ – 10 ޓަނު
* އއ. އުކުޅަސް – 5 ޓަނު
* ބ. ކުޑަރިކިލު – 5 ޓަނު
މިއައިސް ޕްލާންޓުތައް މިއަހަރުގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ތެރެއިން ބައެއް އައިސްޕްލާންޓުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ބައެއް އައިސްޕްލާންޓުތަކުގެ މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.




