ބްރޯޑްކާސްޓަރުން ފޯނު ކޯލެއް ލައިވް ކުރާނަމަ އެކަން ގުޅާ ފަރާތަކަށް ސާފުކޮށް އަންގަންޖެހޭނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބުނެފިއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ކޯލުތަކާއި، އިންޓަރވިއުތަކާއި، ލައިވް ޕްރޮގްރާމް ހިމެނޭހެން އެހެނިހެން މުޢާމަލާތްތައް ބްރޯޑްކާސްޓް ކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކާއި ފަންނީ ހަމަތަކަށް، ރިޢާޔަތް ކުރުމަށް ގޮވާލާފައެވެ.
ޤާނޫނު އަސާސީގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންނާއި ކުރަންޖެހޭ ޒާތީ މުޢާމަލާތްތަކަކީ ޚުރުމަތްތެރިވާ ތަންތަނާއި ކަންކަންކަމަށް ބަޔާންކޮށްފައިވާއިރު، މި ހައްޤުތަކަށް ހުރިހާ ފަރާތަކުންވެސް އިޚްތިރާމް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމިޝަނުން ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑު ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައިވާ ކަމަށެވެ.
ވަކިން ޚާއްސަކޮށް އެ ޤާނޫނުގެ 39 ވަނަ މާއްދާގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ހުރުމަތް ރައްކާތެރިކުރުން ލާޒިމްކޮށްފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ. މީގެއިތުރުން އިންސާނީ ހައްޤުތަކަށް އިޚުތިރާމް ކުރުމަށް ބާރުއަޅާފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައިވެއެވެ.
މިޑިއާ ކޮމިޝަނުގެ ބަޔާނުގައި ވަނީ، އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، އެ މައުލޫމާތެއް ހޯދި މަޤުޞަދަށް އެކަނި މައުލޫމާތު ބޭނުންކުރުމާއި ސައްޚަކަން ކަށަވަރުކޮށް ޒާތީ މަޢުލޫމާތާއި މަސްދަރު ރައްކާތެރިކޮށް ސިއްރުކޮށް ހިފެހެއްޓުން މިއޮނިގަނޑުގައި ބަޔާންކޮށްފައިވާ ކަމަށެވެ.



