ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ނަރުތަކެއްގެ ސަބަބުންކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރައްވާ ތުހުމަތުތަކަކަށް ރައްދު ދެއްވަމުންނެވެ.
ހައުސިންގް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ ވެސް ހިންގި އެ އިމާރާތުގައި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގީ 12 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް އެ އިމާރާތްވަނީ ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފާއިތުވި ހޮނިހިރު ދުވަހު ރައީސް ޔާމީން ވަނީ، އެ އިމާރާތުގައި ގަސްތުގައި އަލިފާން ރޯކޮށްލީ ކަމަށާއި އަދި އެ އަމަލު ހިންގި ފަރާތް ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށް ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެ ތުހުމަތުތަކަށް ރައްދުދެއްވަމުން ”އެކްސް“ މެދުވެރިކޮށް އިއްޔެ މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ފުލުހުންނާއި ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުން ގުޅިގެން ހިންގި ތަފްސީލީ ތަޙުޤީޤުން މި ހާދިސާގައި އެއްވެސް ޖިނާއީ ޢަމަލެއް އެކުލެވިގެންނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
މީގެއިތުރުން، ރައީސް ޔާމީންގެ އަތްޕުޅުގައި ހުރި މަޢުލޫމާތުތައް ސާފުކުރުމަށް ފުލުހުންގެ މުއައްސަސާއަށް މިހާރު އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ދިވެހި ފުލުހުންގެ މައްޗަށް އެމަނިކުފާނު ކުރެއްވި ސީރިއަސް ތުހުމަތުތަކުގެ މައްސަލަ ވަކިން ތަޙުޤީޤުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވެސް ހުށަހަޅުއްވާފައިވާކަން އިހުސާން ފާހަގަކުރެއްވިއެވެ.



