ފެނަކަ ކޯޕަރޭޝަން ސްޓެލްކޯގެ ދަށަށް އަދި އާރްޑީސީ އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފެނަކައާއި އާރްޑީސީ އުވާލަން ނިންމާފައިވާކަން ހާމަކުރައްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ފެނަކަ އުވާލައި ފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރްޑީސީ ވެސް އުވާލައި، އެމްޓީސީސީގެ ދަށަށް އެކުންފުނިން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”މިބަދަލާއެކު، ކުންފުނިތަކުން މުވައްޒަފުން މަދުކުރެވި، ކުންފުނިތައް ރައިޓް ސައިޒްކުރެވި އިސްރާފުވެގެންދާ ޚަރަދު ކުޑަކުރެވޭނެ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ، ކުރީ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދު ބޮޑުވެ، ހިންގުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުނިތަކަށް ގެންނަ މިބަދަލާއެކު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މަދުކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




