އާމްދަނީގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ ގިނައިން ލިބޭނަމަ، އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، އާސަންދަ މިހާރު އޮންނަ ގޮތުން އެންމެ މުއްސަނދި މީހާއަށްވެސް އަދި އާދައިގެ މީހާއަށްވެސް އެ ނިޒާމުގެ ދަށުން އެއްވެސް ތަފާތެއް ނެތި ޚިދުމަތް ލިބޭކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ކަމާއި ގުޅޭ ފަންނީ މާހިރުންވެސް ޤަބޫލުނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި 60،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ ގޮތަށް ފުލް ކަވަރޭޖުގެ އާސަންދަ ނުލިބޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”60،000 ރުފިޔާއިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ. އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެންކަންކަމަށް ޚަރަދުކުރަން ލިބޭނެ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މުއްސަނދިންނަށް އެހެން އާއްމުންނާއި އެއްފަދައިން އާސަންދަ ނިޒާމުގެ ތެރެއިން ހުރިހާ ފަރުވާއެއް ލިބުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެ ބަދަލުތައް އަންނަ މަހުން ފެށިގެން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލުގެ ސަބަބުން މި އަހަރުވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރެވޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ބަދަލުގެ ސަބަބުން ޚަރަދަށް ބޮޑު ބަދަލެއް އަންނާނީ އަންނަ އަހަރުކަމަށް ރައީސް ވިދާޅުވިއެވެ.




