ސަރުކާރުން ހަދާ ރިސޯޓުތަކުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިލިފާނު ވިދާޅުވީ ހުރިހާ ދިވެހިންނަކީ ރިސޯޓު ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ޑޮލަރު ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި 10 ރިސޯޓެއް ހަދާނެ ތަންތަން ވެސް މި ހަފުތާގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ.
”އިރާދަކުރެއްވިޔާ ހަމަ އުއްމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި މީގެ ބައެއް މަޝްރޫއުތައް ފެށިގެންދިޔުން. މީގެ ނަތީޖާއަކަށް ވާނީ ތިއިން ކޮންމެ ބޭފުޅަކު ވެސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށް ވާނެ. އަދި ކޮންމެ ބޭފުޅެއްގެ އެކައުންޓަށް، މި ރިސޯޓުތައް ހުޅުވިގެންދިޔައީމަ ޑޮލަރުން ފައިސާ ޖަމާވާނެ“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.


