ގެލްމެޓެއް ވަގަށް ނެގި ދެ މީހަކު ހޯދަން ފުލުހުން އިއުލާނު ކުރުމުން، އަމިއްލައަށް އެ ހެލްމެޓު ހަވާލުކޮށްފިއެވެ.
މި މައްސަލައިގައި އެމީހުން ހޯދަން އިއްޔެ އިއުލާނުކޮށް ފުލުހުން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަނީ، ޖީއެން ސައިކަލެއްގައި ތިބި ޒުވާން ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާ ވަނީ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ހުންގާނުގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނަގައިފައެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ހޯދަމުން ދިޔަ މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެ، ހެލްމެޓު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި، މި ކަމުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.




