ޕެސިފިކް ކަނޑުގައި އުފެދިފައިވާ ”އެލް ނީނޯ“ ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކޮށްފިއެވެ.
މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ”އެލް ނީނޯ“ ގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ކޮށްފާނެތީ، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަށް އިލްތިމާސް ކޮށްފައެވެ.
މިގޮތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންތަކަކީ:
° ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުން
° ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން ”ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން“ އެކުލަވައިލުމާއި މުރާޖަޢާކުރުން
° މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
° މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
ޔޫ.އެން.ޑީ.އާރް.އާރް އިން މިހާރު ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިމެނޭ އުޞޫލުތަކެއް އެކުލަވާލައި ޢާންމުކޮށްފައެވެ.
އެލް ނީނޯގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަކީ:
° ކާބޯތަކެއްޗާއި އެހެން ޒަރޫރީ ބޭނުންތަކުގެ ސާމާނު ލިބުން ދަތިވެ އެ ތަކެތީގެ އަގަށް ބަދަލު އައުން
° ސާފު ބޯފެން ލިބުމަށް ދަތިވުން ނުވަތަ އަސަރުކުރުން
° މަސްވެރިކަމަށް އަސަރުކުރުން
° ހޫނުގަދަ ވުމުގެ ސަބަބުންނާއި މޫސޫމީ ބަދަލުތަކުގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވުން
° ޝިޕިންގްގެ ހިދުމަތަށް އަސަރުކޮށް، އެ ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްތަކެއްވުން
° ކަރަންޓާއި ފެނުގެ ހަރަދު ބޮޑުވުން
° ދަތުރުފަތުރުގެ ނިޒާމަށްވެސް އަސަރުކުރުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އޭގެ އަސަރު ފޯރުން



