ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަ ކުރުމުގެ މަސައްކަތްތައް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
މިދިޔަ ބުދަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމާއި އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު މިއަދު އެ ކުންފުނިން ހިއްސާކުރި ޕޯސްޓެއްގައި ވަނީ އެ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފްޑީސީން ކުރިއަށްގެންދާ މަޝްރޫޢު މިހާރު ފަށައިފައިވާ ކަމަށެވެ. އެ މަޝްރޫޢުގެ ދަށުން، އެ ޓަވަރުތަކުގެ ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކޯޕަރޭޝަނުން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށް އެ ޕޯސްޓުގައިވެއެވެ.
އެ ޕޯސްޓާއެކު ހިއްސާކޮށްފައިވާ ވީޑިއޯގައި ވަނީ، ފުލެޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ބަލައި، ކުޑަދޮރުތައް ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ކުޑަ ކުރުމަށް ސްޓޮޕާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.



