ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދޫކުރާ ހުއްދަ ނެތި އެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު، ތަހުގީގުކުރަން އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރަން އެދިފައިވަނިކޮށް، މިހާތަނަށް އެފަދަ 65 މެސެޖެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ޓާސްކްފޯސް ނަންބަރަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ 27 ބިދޭސީއެއްގެ މައުލޫމާތާއި ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިއާ ބެހޭ 18 ތަނަކާ ގުޅޭ މައުލޫމާތު ކަމަށެވެ.
މީގެއިތުރުން ގަވައިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ވިއްކާ 4 ތަނަކާ ބެހޭ މައުލޫމާތާއި މިފަދައިން މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ހިމެނޭ ކަމުގައި ފުލުހުން ބުނެފައިވެއެވެ.
މި މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް އެއް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ދެން ރިޕޯޓުކޮށްފައި ހުރި ތަންތަނުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބޭރު ފައިސާއާ ގުޅުން ހުރި މައްސަލަތައް ހުށަހެޅުމަށް ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރަކީ 9388733 އެވެ. އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭނެއެވެ.



