1.7 ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާ އެކު މާލެއިން ހައްޔަރުކުރި މުޙައްމަދު ނާހިލްގެ ބަންދުގެ މުއްދަތަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.
މި މަހުގެ 3 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ނާހިލް ހައްޔަރުކޮށްފައި ވަނީ އިތުރު ދެ މީހަކާ ވެސް އެކުގައެވެ.
ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އައުކޮށްދިނީ، އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. މި ނިންމުމާ އެކު އޭނާގެ ބަންދުގެ މުއްދަތު މި މަހުގެ 18ވާ ހުކުރު ދުވަހަށް ހަމަވާނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އިތުރު ދެ މީހުންނަކީ ކ. ހުރާ، ޙުސައިން ޝާވިން (26 އ) އަދި ތ. ތިމަރަފުށީ، މަރްޔަމް އީޝާ އަޝްރަފް (21 އ) އެވެ. މީގެ ކުރިން ކޯޓުން ވަނީ އެ ދެ މީހުންނަށް ވެސް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ފުރަތަމަ ފަހަރަށް ނާހިލްގެ ބަންދަށް ދީފައި ވަނީ ފަސް ދުވަހެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ނާހިލްގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ ޓީއެޗްސީ އަދި ސީއޭޓީއަށް ޕޮޒިޓިވްވެފައެވެ.
ފުލުހުންގެ ރިޕޯޓުތައް ބުނާގޮތުން، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެ މީހުން އުޅެމުންދިޔަ އެޕާޓްމެންޓަށް ފުލުހުން ވަންއިރު، އެ މީހުން ތިބީ ސިޓިންރޫމުގައެވެ. އަދި އެތަނުގައި ހުރި މޭޒެއްގެ މަތިން މަސްތުވާތަކެތި ކަމަށް ބެލެވޭ ކުނޑިތަކެއް ހުރި ތައްޓަކާއި، އެ ތަކެތި ބޭނުންކުރުމަށް ގެންގުޅޭ އާލާތްތައް ފެނިފައިވެއެވެ.
މުޅި އެޕާޓްމެންޓް ފާސްކުރިއިރު 1.7 ކިލޯގެ ޑްރަގާއި، މަސްތުވާތަކެތި އަޅާފައިވާ ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ބަންދުކޮށް ޓްރެފިކްކުރުމަށް ބޭނުންކުރާ ސާމާނު ވެސް އެތަނުން ފެނިފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. އެތަނަކީ ޝާވިންގެ ރައްޓެއްސަކު ބުނެގެން ހިފާފައިވާ ތަނެއްކަމަށާއި، ފެނުނު ބައެއް ތަކެއްޗަކީ އެ ރައްޓެހިމީހާގެ ތަކެތިކަމަށް ޝާވިން ބުނެފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.



